Drug Abuse

އިންޑިޔާކަނޑުގައި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ހާރެއްގެ ސިފައިގައި އުތުރުން ދެކުނަށް ފެތުރިފައިވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގެ ވެސް އެންމެ އަމާން މަންޒިލެވެ. އެންމެ ހިތަގައިމު މަންޒިލެވެ. އެހެންނަނަވެސް ނަވާރަވަނަ ގަރުނުގެ ފަހުކޮޅުގައި އަޅުގަނޑުމެންގެ މިއަމާން ޤައުމަށް ވަނީ ދުނިޔެދުށް އެންމެ ނުބައި އެއްވަބާ ކަމުގައިވި މަސްތުވާތަކެތީގެ ނާމާންކަން ފެތުރިފައެވެ. ދިވެހި ޒުވާނުންގެ ތެރެއިން ވަރަށްބޮޑު ޕަސެންޓެއް އެ ނުރައްކާތެރި ވަބާގއި ވަނީ ޖެހިފައެވެ. މި ނުރައްކާތެރި ވަބާ ހުއްޓުވުމެގެ ގޮތުން މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނެއް ފާސްކޮށް 2011 ވަނަ އަހަރު ވަނީ މި ޤާނޫނަށް އަމަލު ކުރަން ފެށިފައެވެ.

މަސްތުވާތަކެތީގެ ވަބާ

addictiontreatment

“މަސްތުވާތަކެތި” މި ލަފްޒުގެ މާނަ ދިވެހި ބަހުގެ ރަދީފުގައި ގެނެސްދީފައިވާ ގޮތުގައި އެއީ މަސްތުވާ ކޮންމެ އެއްޗެކެވެ. ނުވަތަ އެ އެއްޗެއް ބޭނުން ކުރުމުން އަމަލުވާ ކޮންމެ އެއްޗެކެވެ. މަސްތުވާތަކެތީގެ ވަބާ އަކީ އެކަމަކަށް ދެވިހިފުމެވެ. ނުރައްކާތެރި ބައްޔެކެވެ.

އަޅުގަނޑުމެންގެ މިޤައުމުގެ ރައުސްމާލުކަމުގައިވާ ޒުވާނުންގެ ގިނަބަޔަކު މިވަނީ ހެޔޮމަގުން އެއްކިބާކުރުވާ ނުރައްކާތެރި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. މި ޤައުމުގެ އަބާދީގެ ނިސްބަތުން ވަރަށް ގިނަބަޔަކު މަސްތުވާތަކެއްޗަށް ވަނީ ދެވހިފާފައެވެ.

މަސްތުވާތަކެތީގެ ސަބަބުން ލބޭ ގެއްލުން

މަސްތުވާތަކެތި ބޭނުންކުރުމުން މީހާގެ ސިކުނޑީގެ މަސައްކަތަށް ނުބައި އަސަރުކުރާކަމާއި، ކަންކަމާއި އެއްޗެހި ރަނގަޅަށް ދެނެގަތުމުގެ ބާރު ކެނޑެއެވެ.

 މަސްތުވާތަކެތގެ ސަބަބުން ހަށިގަނޑަށް ވަޅޯކަން ގެނެސް ސިކުނޑި އައްސިވެއެވެ. ޞިއްޙަތު ދަށްވެއެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކީ، މިކަމުގެ ސަބަބުން ނަފސު ބަލިކަށިވެ އަޚްލާގީ މިންގަނޑުތަކުން އެއްކިބާވެ، ޢަޒުމް ދެރަވެ، ވާޖިބުތަކަށް ފަރުވާކުޑަވެއެވެ.

އަދި މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުމަކީ، އަނބިދަރިން ކާންބޯން ހޯދާ ފައިސާ މަސްތުވާތަކެއްޗަށް ގޮސް ހުސްވެ، ބަގުރޫޓުވެ ޢާއިލާ ވިއްސިވިހާލި ވެގެންދާ ކަމެކެވެ. އަދި ފަހަރެއްގާ މަސްތުވާތަކެތި ގަންނަން ލާރި ހޯދުމަށްޓަކައި އޭނާ ނުބައި މަގުމަގުން ހިނގަންވެސް ފަށާފާނެއެވެ. މީގެ ސަބަބުން ތިމާގެ އިއްޒަތާއި، ޤަދަރު ގެއްލިގެންދެއެވެ. އަދި ޢާއިލާގެ މައްޗަށް ހުންނަ ޣީރަތްތެރިކަން ގެއްލިދެއެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރިކަން

Symptoms-of-Drug-Addiction-A

މަސްތުވާތަކެތީގެ ވަބާ މި ކުޑަކުޑަ ޤައުމުގެ އެކި ހިސާބުތަކުގައި ފެތުރިގެންދަނީ މީހަކު ހީވެސް ނުކުރާހާ އަވަސްމިނުގައެވެ. ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މާރާމާރިތަކުގެ ގިނަ ހާދިސާތައް ހިނގަނީ މަސްތުވާތަކެއްޗާ ގުޅޭ ކޮންމެވެސް ކަމެއްގައެވެ. ގިން ވައްކަންތައް ކޮށްފައި ހުންނަނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދުމަށެވެ. މީހުންގެ ގައިގާ ވަޅި އެޅުމާއި ތޫނު އެއްޗެހިން ހަމަލާ ދިނުން ފަދަ ގިނަ ކުށްތައް ހިންގަފއި ހުންނަނީ މަސްތުވާތަކެއްޗާއި ގުޅޭ ކޮންމެވެސް ކަމެއްގައެވެ.

މީގެ އިތުރުން މަގުމަތިން މީހެއްގެ އަތުން ފޭރިގަތަސް، އެކަން ގުޅިފައި އޮންނަނީ މަސްތުވާތަކެތީގެ މައްސަލައަކާއެވެ. މަސްތުވާތަކެތި ގަންނަން މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށެވެ. ނުވަތަ ފައިސާ ހޯދުމަށްޓަކައި ވިއްކާލާނެ އަގުހުރި ފޯނެއް ނުވަތަ ރަން ފަށެއް ފަދަ އެއްޗެއް އަތުލައިގަތުމަށެވެ. ދޭދޭ ދެމީހުންގެ ގުޅުންކެނޑުމުގެ އިތުރުން މަޔާދަރިޔާ އާއިލާގެ މެމްބަރުންނާއި، ތިމާގެކަމުގެ ގުޅުންވެސް މިކަމުގެ ސަބަބުން ވަނީ ކެނޑިގެން ދާންފަށާފައެވެ. މަސްތުވާތަކެތި ހޯދުމަށް ނުވަތަ އެފަދަ ތަކެތި ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި މީހުން މެރުންވެސް މިއަދު މިވަނީ ޢާއްމުވެފައެވެ.

ތަފާސް ހިސާބު

2010 ވަނަ އަހަރު މާލްޑިވްސް ޕޮލިސް ސަރވިސް އިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ވެރިކަންކުރާ މާލޭގައި އެކަނިވެސް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ތަފާތު 30 ގޭންގެއް މިހާތަނަށް އުފެދިފައި ވެއެވެ. މި ގްރޫޕް ނުވަތަ ގޭންގުތަކަށް ނިސްބަތްވާ ( މަސްތުވާތަކެތި ބޭނުންކުރާ ) 600 އަށްވުރެ ގިނަ ޒުވާނުން މާލޭގައި އުޅެމުންދާކަން މިދިރާސާގެ އަލީގައި ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެ އިތުރުން 2013  ވަަނަ އަހަރު ނެޝަނަލް  ޑްރަގް އެޖެންސީން ނެރެފައިވާ ދިރާސާ އަކަށް ބަލާލާއިރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7.500 އެއްހާ ޒުވާނުން އުލެއެވެ. އެގޮތުން މާލޭގައި އެކަނި 4،342 މީހުން މަސްތުވާތަކެތި ބޭނުން ކުރާއިރު ރަށްރަށުގައި އެ އަދަދު އުޅެނީ 3.154 ގައެވެ. މި ދިރާސާ ހަދާފއިވަނީ އުމުރުން 15_64 މީހުންނަށް ހާއްސަ ކޮށްގެންނެވެ. މި ދިރާސާއިން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މަސްތުވާތަކެއްޗަކީ ކެނަބިނޮއިޑްސް އާއި ރެސިން އަދި ހަޝިޝް (ހަޝިޝް އޮއިލް ) އެވެ. މި ނިސްބަތް %70 ގާތްކުރާއިރު ބަނގުރާ ބޭނުންކުރާ ނިސްބަތް %50 އަށްވުރެ މައްޗެވެ.

މަސްތުވާތަކެތީގެ ވަބާ ނައްތާލުން

މަސްތުވާތަކެއްޗާ ދެކޮޅަށް ތަފާތު މަޝްރޫއުތައް ރާވައި އެކި ހަރަކާތްތައް ހިންގުމަކީ ކޮންމެ ސަރުކާރުން އަބަދުވެސް ކުރާ ކަމެކެވެ. އެހެންނަމަވެސް މިހާާތަނާ ޖެހެންދެންވެސް މި ނުރައްކާތެރި ވަބާއަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއްް ނުވެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ނެޝަނަލް ޑްރްގް އެޖެންސީގެ ނަމުގައި ކްލިނިކެއްވަނީ ހުޅުވާފައެވެ.ނެޝަނަލް ޑްރަގް އެޖެންސީ އިން މިކަމާ ގުޅޭ ކައުންސިިން ކޯސްތައްވެސް ކުރިއަށް ގެންދެއެވެ.

އަޅުގަނޑު ދެކޭގޮތުގައި މިކަން ނުހުއްޓީ އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ތެރޭގައި އާވެ އާލާވަމުން މިދަނީ މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ މިންވަރަށް ހޭލުންތެރިކަން ނެތުމުގެ ސަބަބުންނެވެ. މަސްތުވާ ތަކެއްޗާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރެވޭ ނުވަތަ ހިންގޭ ޕްރޮގްރާމްތައް މަދުވީމައެވެ. ކަމާބެހޭ މުއައްސަސާ ތަކުންނާއި، ދިވެހިރާއްޖޭގެ މީޑިއާ އާއި، އެހެނިހެން އެންމެން އެކީގައި އެކައްޗެއް ކިޔައިގެން  ހޭލުންތެރިކުރުވިގެން ނޫނީ މިކަން ހުއްޓުވޭނެ ނުވަތަ މަދުކުރެވޭނެ ގޮތެއް ނެތެވެ. އަދި ހަމަ އެކަނި ޢާއްމުން ހޭލުންތެރި ކުރުވުން އެކަންޏެއް ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި އެންމެ ބޮޑަށް މިކަމުގައި ހޭލުންތެރި ކުރުވަންވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. ނުވަތަ ޢާއްމުކޮށް މަސްތުވާތަކެއްްޗާއި ދިމާއއަށް އެނބުރި ގަންނަންފަށާ ޢުމުރުގެ ކުދިންނެވެ

Advertisements

Family Protection Authority introduced their “Loaebaky?” campaign.

image-6176d6ecd979e904ae49af8a2d6bec68bff15072fcde379436cc76cf87698776-V

ފެމެލީ ޕްރޮޓެކްޝަން އެޖެންސީއިން “ލޯތްބަކީ؟” ކެންޕެއިން މިއަދު އިފްތިތާހު ކޮށްފި

މި ކެންޕެއިން އިފްތިތާހު ކޮށްދެއްވީ ޓީ.ވީ.އެމް ގެ ނޫސްވެރިއެއް ކަމަށްވާ އަލްފާޞިލް މަރިޔަމް ވަހީދާ. މިކަން އިފްތިތާހު ކޮށްފައިވަނީ މާލޭގެ ހެދިގޮނޑުދޮށުގައި. ތިން މަސް ދުވަހަށް ހުޅުވާލި މި ކެންޕެއިންގައި އެކި އިދާރާތަކާ މުއައްސަސާތަކުން ބައިވެރިވެފައި ވޭ. އެގޮތުން ޕޮލިސް އެކަޑަމީ އާއި އައި.ޖީ.އެމް.އެޗް އިންވެސް މި ކެންޕެއިންގައި ބައިވެރިވެފައިވޭ. މިއަދު އިފްތިތާހު ކުރި މި ކެންޕެއިންގައި މަޢުލޫމާތު ދިނުމުގެ ސްޓޯލްތައް ކެންޕެއިންގައި ބައިވެރިވި އިދާރާތަކުން ބަހަށްޓާފައިވޭ. މި ކެންޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ގެވެށި އަނިޔާ ހުށްޓުމާ، އެކަކު އަނެކަކުގެ ގުޅުން ވަރުގަދަކުރުވުމާ، ލޯތްބަކީ ކޮބައިކަން އަންގައިދިނުމެވެ

History of Maldives Migrants

ތާރީޙީ ނަޒަރަކުން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން

map_indianocean

ދިވެހިރާއްޖެއަކީ، އިންޑިޔާ ކަނޑުގެ ތެރޭގައި، ވަކިވަކި ރަށްތަކެއްްގެ މަައްޗަށް އެކުލެވިގެންވާ އަތޮޅުތަކެއްގެ މައްޗަަށް، ބިނާވެފައިވާ ޤައުމެކެވެ. ބިމުގެ ބޮޑުމިނުގައި 298 އަކަ ކިލޯމީޓަރުގެ މިޤައުމުގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު އޮވެއެވެ. އެހެންނަމަވެސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރު މިއަތޮޅުތައް ވަނީ ބައްސަވާލައްލައްވާފައެވެ. އަދި ރާއްޖޭގެ ބޮޑުމިނުގައި އުތުރުން ދެކުނަށް 470 މޭލާއި އިރުން ހުޅަނގަށް އެންމެ ފުޅާމިނުގައި 70 މޭލުވެއެވެ. ހުރިހާ އަތޮޅެއްމެ އުފެދިފައިވަނީ ޢާންމު އެއް ޕްލެޓޯއެއްގެ މަތީގައި ދިވެހިރާއްޖޭގެ ރަށްތަކަކީ އާންމު ގޮތެއްގައި ވަރަށް ތިރި އެހާމެ ކުދިރަށްރަށެވެ. އެންމެ ބޮޑު ރަށްތައް ކަމުގައި ބެލެވިފައިވާ، ހައްދުއްމަތީ ގަމާއި އައްޑުއަތޮޅު ހިތަދުއާއި ފުވައްމުލަކާއި އައްޑުއަތޮޅު ހުޅުމީދޫ ވެސް 5 މޭލަކަށްވުރެ ބޮޑެއް ނުވާނެއެވެ.

Map_Maldives_April2010“ވަޒަންވެރިވުން” މި ލަފްޒު ދިވެހިބަހުގެ ރަދީފުގައި މާނަކޮށްފައިވާ ގޮތުގައި އެއީ ތަނެއްގައި ގެދޮރު އަޅައިގެން ދިރިއުޅެން ފެށުން ނުވަތަ ތަަނެއްގެ ރަށްވެއްސަކަށްވުމެވެ. ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ހައްތު އިސްތަވާގެ ތެރޭގައި އުކާލެވިފައިވާ މުތްތަކެއްފަދަ ކުޑަ ޖަޒީރާ ޤައުމެކެވެ. ސްރީ ލަންކާގެ 764 ކިލޯމީޓަރު ހުޅަނގުން އިންޑިއާ ކަނޑުގައި އެތުރިފައިވާ 1000 ވަރަކަށް ރަށް ހިމެނޭ މި ކުޑަ ކުޑަ ޖަޒީރާ ޤައުމަކީ ވަރަށް މަތިވެރި ސަޤާފަތާއި ތާރީޙެއް ލިބިފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރާ ފަރާތްތަކުގެ ހޯދުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 2500 އަހަރަށްވުރެ ގިނަދުވަސް ވެދާނެއެވެ. އަދި ހަމައެހެންމެ ދިވެހި ތާރީޚީ ފަތްތުށްތަކުން ފެންނަގޮތުގައި އެވޭލާ ޒަމާނުންސުރެ ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެއެވެ. އެހެންނަމަހީވެސް މި ހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ އަލީގައިވެސް މި ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅެން ފަށާފައިވަނީ ކޮންބައެއްކަން ޔަޤީންކަމާއެކު ބުނެދޭކަށެށް ނޭނގެއެވެ. (އަޙުމަދު, 2011)

ބޭރުގެ ޙަޟާރާތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވާނޭކަމަށް ގިނަ ތާރީޚީ ޢިލްމުވެރިން ދެކެލައްވަނީ އިންޑަސް ވާދީ ޙަޟާރާތެވެ. އެއީ އިންޑަސް ވާދީގެ އަހުލުވެރިން ކަމަށްވާ ޑްރެވީޑިއަނުންނެވެ. ފްރެންސިސް ޑަބްލިޔު. އެލިސް (2008) ހާމަކުރައްވާ ގޮތުގައި “ޑްރެވީޑިއަން” މި ލަފުޒަކީ “ޑްރެވިޑާ” އިން އައިސްފައިވާ ލަފުޒެކެވެ. އަދި ޑްރެވިޑާގެ މާނައަކީ ތަމަޅަ ކަމަށްވެސް އެލިސް ހާމަކުރައްވައެވެ. ޑްރެވީޑިއަނުންގެ ސިފަޔަށް ބަލާލާއިރު އެމީހުންނަކީ މެދުމިނުގެ އިސްކޮޅެއް ލިބި ހަމގެ ކުލަ އަނދިރި ނުވަތަ ކަޅު ބައެކެވެ. އެގޮތުން މިކަމަށް އިޝާރާތްކޮށް، ޑްރެވީޑިއަނުންނަކީ އާންމު ގޮތެއްގައި މެދުމިނުގެ އިސްކޮޅުގެ، ބިމަށް ގަދަ ފާޑަށް ތިބޭ ކަޅު ނުވަތަ އޮޅަޅި ބައެއްކަމަށް ޙަބީބާ ޙުސައިން ޙަބީބު (1996) ބަޔާން ކުރައްވައެވެ. އަދި އަރިމަތިން ބަލާއިރު ޑްރެވީޑިއަނުންނަކީ ނިތްކުރިން ފެށިގެން ބޮލުގެ ފަހަތުބައި ނުވަތަ ފުއްކިބަ ބޮޑު ބައެއްގެ ގޮތުގައިވެސް ޙަބީބާ ޙުސައިން ޙަބީބު (1996) ސިފަކުރައްވައެވެ. (އަޙުމަދު, 2011)

އިންޑަސްވާދީގެ މި ޑްރެވީޑިއަނުން ގިނަބަޔަކށް އެނގިފައިވަނީ، ކަނޑު ދަތުރުކޮށް އުޅުނު ބައެއްގެ ގޮތުގައެވެ. އިންޑަސްވާދީގެ ޙަޟާރަތުގައި ފުރިހަމައަށް ތަރައްޤީ ކުރެވިފައިވާ ލޯތާލު ބަނދަރުން މިކަން ވަރަށް ބޮޑަށް އަންގައިދޭކަމަށް ޕޮޝެލް ޖީ.އެލް (2002) ބަޔާންކުރައްވާފައިވެއެވެ. އަދި ޗާޑް ގުރީންވުޑް (1997) ބަޔާންކުރައްވާ ގޮތުގައި ހަރައްޕާގެ އަހުލުވެރިންނަށް ބޭނުންވާ ގޮވާމުގެ ބާވަތްތައް އޮޑިފަހަރުގައި އެތެރެކުރާ ކަމަށްވެއެވެ. މީގެ އިތުރުން، ސްޓަރ ރިޗަރޑް (1941) ހާމަކުރައްވާ ގޮތުގައި މަސްވެރިކަންކޮށް އުޅުމަށް ބޭނުންކުރި ބައެއް އާލާތްތައް ކަމަށްވާ ބުޅި، ކަންވާރު އަދި ނަނު ފަދަ ތަކެތި އިންޑަސްގެ ޙަޟާރަތުން ފެނިފައިވެއެވެ. މިހުރިހާ ކަންތައްތަކަށް ނިސްބަތްކޮށް އިންޑަސްވާދީގެ ޤަދީމީ އަހުުވެރިން ކަމަށްވާ ޑްރެވީނިއަނުން ކަނޑުދަތުރު ފަތުރު ކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ބައެއްގެ ބެލެވިދާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމަށް މެދުވެރިވި ސަބަބަކީ މި އެކި ކަންކޮޅުތަކުން ރާއްޖެ ހުރަސްކުރާ ކަނޑު ދަތުރުވެރިންކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. (އަޙުމަދު, 2011)

ނަސީމާ މުޙައްމަދު (2008) ހާމަކުރައްވާ ގޮތުގައި، އިންޑަސް ވާދީ ޙަޟާރާތުގެ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އަލިފާނާއި، ފެނާއި، ތަރިރުހަނދު ފަދަ ބާރުގަދަ ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވެއެވެ. އިންޑަސްވާދީގެ ސަބްކޮންޓިނެންޓަށް ޑްރެވީޑިއަނުން ހިޖުރަކޮށްފައިވަނީ އިރުމަތީ އެފްރިކާއިންކަމަށް ކާމިލް ވީ.ވެލެބިލް (1974) ބަޔާންކުރައްވައެވެ. އަދި ހަމައެހެންމެ ވެލެބިލް (1974) އާއި ޙަބީބާ ޙުސައިން ޙަބީބު (1996)، އާކިއޮލޮޖިކަލް މަސައްކަތްތަކުގެ ނަތީޖާތަކާާ ޙަވާލާދެއްވާ ބަޔާން ކުރައްވާގޮތުގައި އިންޑިޔާއަށް އާރިޔަނުން އައުމުގެ ކުރިން ވެސް އިންޑިޔާގައި ތަހުޒީބުވެފައިވާ ނަޞްލަކީ ޑްރެވީޑިއަން ނަސްލެވެ. މި ޑްރެވީޑިއަނުން ދިރިއުޅެފައިވަނީ އިންޑިޔާގެ އެކި ހިސާބު ހިސާބުގެ ފަރުބަދަތަކުގެ މަތީގައެވެ. (އަޙުމަދު, 2011)

ފަހުގެ ތަރީޚީ ހޯދުންތަކާއި ހަވާލާދެއްވާ ނަސީމާ މުޙައްމަދު (2004) ބަޔާންކުރައްވާ ގޮތުގައި ޖިއޮގްރަފީ ގޮތުން އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އުފެދިފައި އޮންނަ މަޤާމުން، ކައިރީގައިވާ ޤައުމުތަކުން، ޚާއްޞަކޮށް އިންޑިޔާއިން، އެޒަމާނުގައި ރާއްޖެއަށް މީހުން އައިސްފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެއެވެ. އެހެންކަމުން، ދިވެހިރާއއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރިންގެ ތެރޭގައި އިންޑަސްވާދީގެ އަހުލުވެރިން ހިމެނޭނެކަމަށް އަލްމަރްޙޫމް އަޙްމަދު ޝަފީޤް (1997) އަދި ތޯހައިޑާލް (1899) އާއި ޙަވާލާދެއްވާ ނަސީމާ މުޙައްމަދު (1998) އިއްތިފާޤު ވެލައްވައެވެ. ސަބަބެއްކަމަށް ނަސީމާ މުޙައްމަދު (1998) ދެކަވަޑައިގަންނަވަނީ ދިވެހިންނާއި ޑްރެވީނިއަނުންނާއި ތަފާތު އެކި ގޮތްގޮތުން ބޮޑެތި ގުޅުންތަކެއް ވާތީއެވެ. މިގޮތުން ޑްރެވީޑިއަނުންނެކޭ އެއްފަދައިން އިހު ދިވެހީންގެ ކާނބަފައިންެގެ ފުށުންވެސް ކަނޑު ދަތުރުކުރުމުގެ ހުނަރުވެރިކަން ފެނެއެވެ. މިއީ ޑްރެވީޑިއަނުންގެ ކިބައިން ލިބިފައިވާ ހުނަރަކަށްވުން ވަރަށް ގާތެވެ. އަދި ހަމައެހެންމެ، ނަސީމާ މުޙައްމަދު (1998) ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރީގައި، ޤަދީމީ ދިވެހިން އާދަކާދައިގެ ތެރޭގައި ހިމެނޭ ކައިވެނި ކުރުމުގެ އުޥޫލުތަކަށް ބަލާއިރު އިންޑޑިޔާގެ ކެރެލާގެ އާދަކާދަތަކާއި އެއްގޮތެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޤަދީމީ ބައެއް ރަށްރަށުގެ ނަންނަމަށް ބަލާއިރު ޑޑްރެވީޑިއަނުންގެ އާއިލާގެ ބަސްބަހުން ނަންތައް ނެގިފައިވާކަން އެކަމަނާ ބަޔާންކުރައްވައެވެ. އަދި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ފެންނަންހުރި އާސާރީ ބުދު ކޯލުތައްް ފަދަ ތަންތަން ފެންނަން ހުރިކަމީ މިކަމަށް ބާރުދޭ ކަމެކެވެ. (އަޙުމަދު, 2011)

ރާއްޖޭގެ ވާހަކަ އައިސްވައިފާ އިހުގެ ލިޔުންތަކަށް ބަލާލާއިރު ދެކުނު އިންޑިއާގެ ސަންގަމް ޒަމާނުގައި (މީލާދީން 1-3 ވަނަ ގަރުނުގެ މެދުގައި) ކެރަލާއިން ރާއްޖައަށް މީހުން އައިކަން އެކަށީގެންވާކަން އެނގެން އެބަހުއްޓެވެ. ރާއްޖޭގެ ދިވެހިންނަށް އެނގިފައި އޮންނަނީ އެމީހުންގެ ރަށްތަކަށް ފުރަތަމަ އައީ ލަންކާ މީހުންކަމެވެ. އެގޮތުން މީލާދީން 8ވަނަ ގަރުނުން 10ވަނަ ގަރުނަށް، ލަންކާގެ ބައެއް ރަސްކަލުން ރާއްޖެއަށް އަރުވާލާފައިވާކަމަށް ވެއެވެ. އެމީހުންގެ ސަގާފަތާއި، ބަހާއި ދީން އެމީހުންވަނީ ރާއްޖެއަށް ގެނަސްފައެވެ. މިކަންތައްތައް އިތުރަށް ދިރާސާކޮށް ހޯދި ހޯދުތަކުގެ ތެރެއިން، މިކަމަށް ހެކިދޭ ބުޑިސްޓު އުސްތުނބުތަކާއި، ފައިސާފޮއްޗާއި، ލިޔުންތަކާއި އެކި ސާމާނު ފަދަ ތަކެތި ވަނީ ކޮނެ ނެގިފައެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ދިވެހީންނަށް ކުރިން ނޭނގި އޮތްކަމަކީ، ދިވެހިންގެ ތެރޭގައި ތަމަޅައިންގެ އަސަރު އާބާދީގަޔާއި ސަގާފަތުގައި ވާކަމެވެ. މެދުގަރުނުތަކުގެ ލަންކާއިން މީހުން ރާއްޖޭގައި އެންމެގިނައިން ވަޒަންވެރިވެފައިވަނީ ރާއްޖޭގެ ދެކުނުގައެވެ. (މުޙައްމަދު ނ. , ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން (އެއްވަނަ ބައި), 2013)

މީގެ އިތުރުން ހިޖުރައިގެ އަހަރުތަކުގެ ތެރެއިން ދެ ހިޖްރައެއްގެ ހެކި ފެންނަން އެބަހުއްޓެވެ. އީސާގެފާނުގެ ދައުރުގައި، ދެކުނުއިރުމަތީ އޭޝިޔާ (ހާއްސަކޮށް އިންޑޮނޭޝިއާ)އިން މީހުން މެޑެގަސްކަރައަށް ދަތުރުކުރި ކަން އެނގެއެވެ. އެދަތުރުގެ މަގުމަތީގައި ބައެއް މީހުން ރާއްޖޭގައި ވަޒަންވެރިވިބާއޭ މީ އަޅުގަނޑުމެންނަށް ކުރެވިދާ ސުވާލެކެވެ. ފަހަރުގައި މިފަދަ ދިގު ދަތުރުތަކަށް ވިސްނާާލާއިރު ވަޒަންވެރި ހުރެދާާނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. މިގޮތުން ރާއްޖޭގައި ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ސިފަތައް ފެންނަން އެބަ ހުއްޓެވެ. މި ކަމަށް ހެކިދެނީ ދިވެހިރާއްޖޭގެ ދަނޑުވެރިން ހައްްދާާ އަލަ އާއި ދަނޑިއަލުވި ފަދަ ފަލަމަޑި އާއި ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ދެކުނުއިރުމަތީ އޭޝިޔާގެ ކުލަގަދަ މަހެވެ. އަދި ހަމައެހެންމެ އެމީހުންގެ އާދަކާދައެއް ކަމަށްވާ އަންހެނުންގެ އެނދުދަށަށް އަނގުރުލުމާއި ކުއްޖާ ވިހެއުމަށްފަހު، އަންހެން މީހާ ތާހިރުކުރުމުގެ ނިޔަތުގައި، އޭނާގެ އެނދުގެ ދަށުގައި އަލިފާން ނޫނީ އަނގުރު ގެ ކަންވާރެއް ބެހެއްޓުން ފަދަ ކަންކަން މިއީ ދެކުނުއިރުމަތީ އޭޝިއާއިން ދިވެހިންގެ ތެރޭގައި ފެތުރުނު އާދައެއްކަމަށް ބެލެވެއެވެ. (މުޙައްމަދު ނ. , ފަތްތޫރަ (306). , 2004)

ދެން އެންމެ ބޮޑަށް ހޯދިފައިވާ ތަރީޚީ ހޯދުންތަކުން އެނގޭގޮތުގައި ރާއްޖެއަށް އެންމެ ކުރީގައި އައި މީހުންގެ ތެރޭގައި ގުޖުރާތު މީހުން ހިމެނޭ ކަމަށް ބެލެވެއެވެ. އިންޑަސްވާދީގެ ހަޟާރަތުގެ ޒަމާނުގައި ގުޖުރާތު މީހުން ކަނޑުދަތުރު ފަށާފައިވާކަން އެއީ އަޅުގަނޑުމެންނަށް ހެކި ދައްކަނީ  މި ކަނޑުވިޔަފާރީގެ ވަރަށް ގިނަ ހެކި ޖަޓަކާ އަދި ޕުރާނާ ފޮތްތަކުންނެވެ. އެހެންކަމުން، އީސާގެފާނުގެ 500 އަހަރު ކުރިން ގުޖުރާތު މީހުން ލަންކާގައި ވަޒަންވެރިވެފައި ވާކަމަށް ބެލެވެއެވެ. މިގޮތުން އޮޑިދޯނިފަހަރު ބަނުމުގެ ގޮތްތަކުން ގުޖުރާތު މީހުން އުތުރު އިންޑިއާއިން ގެނައި ސަގާފަތުގެ ހެކިތައް ފެންނަން އެބަ ހުއްޓެވެ. އަދި ހަމަ އެހެންމެ، މައުރަޔާއިންގެ ޒަމާނުގެ ލޯވަޅު ލީ ރިހި ފައިސާފޮތިވެސް ފެންނަން އެބަހުއްޓެވެ.  ލަފާކުރެވޭގޮތުގައި، މީލާދީ ގަރުނުތަކުގައި ތަމަޅަ-މަލަޔާލީންގެ ކަނޑުދަތުރު ވަރުގަދަ ވުމުގެ ކުރިން، ގުޖުރާތު މީހުން ރާއްޖެއަށް ލެއްގީއެވެ. ނުވަތަ އަރުވާލެވުނީއެވެ. އަދި ލަންކާގައި މިފަދައިން ވަޒަންވެރިވި ގޮތަށް ރާއްޖޭގައިވެސް އެކި ކަންކޮޅުތަކުގެ މީހުން ވަޒަންވެރިވީއެވެ. (ޙާމިދު, 2009)

މިފަދަ ކޮންމެ ތާރީޚީ ފަތްފުށަކީ، ކާބަފައިންގެ ދޫދޫމަތިން ކިއިގެންނާއި، އެބައިމީހުންގެ އަތްއަތްމަތިން ލިޔެވިގެން އައި އެއްޗެހި ކަމަށް ވެފައިވާތީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ ކޮބައިކަމާއި އަދި އެބައިމީހުންގެ ދީނަކީ ކޮބައިކަމާމެދު ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާފައިވާ ބޭފުޅުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. މިގޮތުން، އަލް ޢައްލާމާ މުޙައްމަދު ޝިހާބުއްދީނު މީލާދީން 17 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބުރަވެ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، އިންޑިޔާގެ [ކަލި ބަންގާ] އޭ ކިޔުނު ތަނަކުން އައިސްފައިވާ [ދޭވީސް] ނުވަތަ [ދީވީން]ނޭ ކިޔުނު ބައެއްކަމަށް، ނަސީމާ މުޙައްމަދު (2004) ހާމަކޮށްފައިވާއިރު، މުޙައްމަދު އިބްރާހިމް ލުތުފީ (1983) އަދި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވި ބޭރުގެ ޢިލްމުވެރިއެއް ކަމަށްވާ ތޯހައިޑާލް (1899) ދެކެލައްވާ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ [ރެނދިން]ގެ ނަމުގައި އުޅުނު އިރަށް އަޅުކަންކުރާ ބައެކެވެ. [ދީވީން] ރާއްޖެ އައިކަމަށް ބެލެވެނީ އަޝޯކާ ރަސްކަމުގެ 800-1000 އަހަރުގެ ކުރިންކަމަށާއި، އެމީހުން އަޅުކަން ކޮށްފައިވަނީ ބާރުހުރި ޤުދުރަތީ ތަކެތި ކަމަށްވާ ތަރިތަކާއި، އިރާއި، ހަނދު ފަދަ ތަކެއްޗަށްކަމަށް، ނަސީމާ މުޙައްމަދު (2004) ހާމަކުރައްވައެވެ. (މުޙައްމަދު ނ. , 1998)

ދިވެހީންގެ ނަޞްލު ދެނެގަތުމަށްޓަކައި ރާއްޖެއަށް އަންނަ އެކި ބޭބޭފުޅުންނާއި، ރާއްޖެއާމެދު ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން ވަނީ އަޅުގަނޑުމެން ދިވެހިންނާ ގުޅިގެން ވަރަށް ތާރީޚީ ދިރާސާތަކެއް ވަރަށް ބޮޑަށް ކޮށްފައިވާކަން އެއީ އަޅުގަނޑުމެންނަށް ދެބަސް ވެވެން ނެތް ޙަޤީގަތެކެވެ. އެހެންނަމަވެސް މި ހޯދިފައިވާ ހޯދުންތަކަކީ މި ކުޑަ ކުޑަ ދިވެހިރާއްޖެއާ އަޅާ ބަލާއިރު ވަރަށް މަދު ހޯދުންތަކެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެފަދަ ދިރާސާއަކަށް ބަލާއިރު ދިވެހީންގެ އިސްކޮޅާއި، ހަށށިގަނޑުގެ ބައިތަކުން މިންތައް ނަގާ ތަޙްލީލުކޮށް ބެލިބެލުމުގައި ދިވެހީން ނަޞްލު އެންމެބޮޑަށް ބެހެނީ ކުރިންވެސް ބަޔާން ކުރައްވާފައިވާ އިންޑިޔާގެ ސަބްކޮންޓިނެޓާއި ސިލޯނުގެ އަހުވެރިންނާއި، ޢަރަބިކަރަ އާއި އެފުރިކާގެ އައްސޭރިފަށުގެ އަހުލުވެރިންނާއި، މަލަޔާގެ ރަށްތައް ( މެލޭޝިޔާ، އިންޑޮނޭޝިޔާ ) އާއި ހުޅަނގު މަލަޔާގެ ޕެނިންސިއުލާގެ އަހުލުވެރިންކަމަށް ސްޓެންލީ ގަރޑިނައަށް ޙަވާލާދެއްވާ ވީންފްރިޑް ޑަކްވަރތު (1912) ބަޔާންކުރައްވައެވެ. އިތުރު އެހެން ދިރާސާއަކަށް ބަލާއިރު ދިވެހީންގެ ލޭގައި ހިމެނޭ ޖެނެޓިކް ބައިތައް ތަޙްލީލުކޮށް ބެލިބެލުމުން، ޔަޤީންކުރެވުނު ގޮތުގައި ދިވެހީންގެ ލޭގެ އަސްލާއި އެންމެ ގާތްކުރާ މީހުންނަކީ މެދުއިރުމަތީގެ އަހުލުވެރިންނާއި، ބަންގާޅާއި، އިންޑިޔާ، އިންޑޑޮނޭޝިޔާ، އެފްރިކާ، އަދި ރަތްކަނޑުގެ އަހުލުވެރިންގެ އިތުރުން ގަލްފް ސަރަޙައްދުގެ އަހުލުވެރިންކަމަށް ފައަރޑޯސް އ.އ.ފ (1998) ބަޔާންކުރައްވައެވެ. މި ދިރާސާއަކީ ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ ފަރާތުން  (1997) ގައި ކުރެވިފައިވާ ދިރާސާއެކެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވީ ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް، ބޭރުގެ ލިޔުންތަކުންނާއި އަދި ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުން، މިރާއްޖޭގައި މީހުން އުޅޭތާ 2500 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށް ލަފާކުރެވެއެވެ. ދިވެހިން ބޭނުންކުރާ ބަހާއި، ބިމުން ނެގިފައިވާ އާޘާރުތަކާއި އަދިއެކި ޒަމާނުގައި ލިޔެފައިވާ ލިޔުންތަކުން މިކަމަށް ހެކި ލިބޭކަމުގައިވެސް ހާމަކުރައްވާފައި ވެއެވެ. ޝައްކެއްނެތްގޮތުގައި، މިލާދީގެ ކުރީގެ ޤަރުނުތަކުގެ ތެރޭގައިވެސް ދިވެހިރާއްޖޭގައި މީހުން އުޅެފައިވާކަން އެނގެއެވެ.  މިކަން އެނގެނީ ބޭރުގެ މަދު ލިޔުންތަކުންނާއި އަދި ބައެއް ފޯކްލޯރ، ނުވަތަ ތުންތުން މަތިން އައިސްފައިވާ ވާހަކަތަކުންނެވެ. ޢާންމުގޮތެއްގައި މިފަދަ ވާހަކަތައް ބިނާކުރެވިފައި ހުންނަނީ ކޮންމެވެސް ހާދިސާއެއްގެ މައްޗަށެވެ. ނަމަވެސް  ކަށަވަރުކޮށް ބުނަން ނޭންގެނީ، މިފަދައިން ކިޔައިއުޅޭ ވާހަކަތައް ހުންނަނީ އެ ވާހަކަތައް ކިޔައިދިނުމުގައި ޚިޔާލީބައިތަކެއް އިތުރުކޮށްފައިވާތީ އެވެ. މިލާދީން 1980 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ޕުރޮފެސަރ ތޯރ ހަޔަރޑާލް ލަފާކުރެއްވި ގޮތުގައި، އިންޑިޔާއާއި ޕާކިސްތާނު މިހާރު ހިމެނޭ ސަރަހައްދުގައި އިހަށް އޮތް އިންޑަސްވާދީގެ ރަށްވެހިކަން އުވިގެން ދިޔައިރު، ދިވެހިރާއްޖެއަށް އެހިސާބުން މީހުން އައިސްފައިވެދާނެއެވެ. މި ޚިޔާލުފުޅަށް ބާރު ލިބެނީ މިރާއްޖޭގައި އޮތް ފޯކްލޯރ އަކުންނެވެ. މި ވާހަކައިގައި ބުނާގޮތުން ދިވެހިރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީގެ ކޯރުގެ އައްސޭރިގައި އޮތް “ކާލީބަންގަން” ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންޑަސްވާދީގެ ރަށްވެހިކަން އުވިގެންދިޔައީ މީލާދީ 1400 އަހަރުކުރިންނެވެ. އެ ސަރަހައްދުގައި އުޅުނު މީހުން އެދުވަސްވަރު އެކި ހިސާބުތަކަށް ހިޖުރަކޮށްފައިވާކަން އެނގެއެވެ. އިންޑަސްވާދީގެ އެ ސަރަހައްދަކީ ދިވެހިރާއްޖެއާ ދުރުހިސާބެއް ނޫނެވެ. މިހާރުގެ ގުޖުރާތަކީ އެ ސަރަހައްދުގެ ދެކުނުގައި ހިމެނޭ ރަށެކެވެ. މިހެންކަމުން އަޅުގަނޑުމެންނަށް އެނގެނީ އެބައިމީހުންނަކީ ކަނޑުމަތީ ދަތުރުފަތުރުކޮށް އެކި ޤައުމުތަކާއި ވިޔަފާރިކޮށް އުޅުނު ބައެއް ކަމެވެ. ލޯތާލް އޮތް ހިސާބާ ދިވެހިރާއްޖެއަކާ މާ ދުރެއް ނޫނެވެ.

ދެން ދިވހިރާއްޖޭގައި ފެތުރިފައިވާ ފޯކްލޯރ އެއްގައި ބުނާގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ “ދީވީން” ގެ ނަމުން ނިސްބަތްވީ ބަޔަކަށެވެ. މީލާދީން 4 ވަނަ ޤަރުނުގައިވެސް، އިޓަލީގެ ރޯމްގައި ލިޔުމެއްގައި، ދިވެހީންނަށް “ދިވީން” މިފަދައިން ލިޔެފައި އޮއްވައި އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. ދީވީން ފުރަތަމަ ވަޒަންވެރިވީ ފުރަތަމަ ހައްދުންމަތީގައި ކަމަށާއި، ފަހުން ރާއްޖޭގެ އެހެން ރަށްރަށަށް ދިޔަކަމަށް ބުނެވެއެވެ. ދީވިން އައުމުގެ ދުވަސްތަކެއް ފަހުން ދެންއައީ “ރެދިން” ކިޔުނު ބަޔެކެވެ. މިއީވެސް އިންޑިޔާއިން އައި ބަޔެއް ކަމަށްބުނެވެ އެވެ. މިއީވެސް އިންޑިޔާއިން އައި ބައެއްކަމަށް ބުނެވެއެވެ. ދިވެހިންގެ ފޯކްލޯރގައި މިބައިމީހުންގެ ވާހަކަތައް ކިޔުމުގެ ތެރޭގައި މިބައިމީހުން ބޮޑެތި އިމާރާތްތައް ހަދައި އުޅުނު ކަމަށާއި، ކަނޑުމަތީގައި ވަރަށް ބާރަށް ދަތުރުކޮށް އުޅުނު ކަމަށް ކިޔައިއުޅުނެވެ.  މިބައިމީހުންގެ ނަމަކީ އަސްލަކީ “ރެދީ” ކަމަށް ލަފާކުރެވިފައިވެ އެވެ.  ރެދިންއައުމުގެ ފަހުން “ކުންބީން” ކިޔުނު ޤަބީލާއެއްގެ މީހުންވެސް ރާއްޖެއަށް އައި ކަމަށް ބުނެވުނެވެ. މީގެ ފަހުން ސަރަންދީބުން (ސުރީލަންކާއިން) ވެސް މީހުން އައިސް ހުވަދުއަތޮޅުގައި ވަޒަންވެރިވި ކަމަށްވެއެވެ. އަދި ރާއްޖޭގެ އުތުރުބައެއް އަތޮޅުތަކުގައި އިންޑިޔާއިން ހިޖުރަކުރި ބަޔަކު ވަޒަންވެރިވެފައި ވާކަމަށްވެސް ބުނެވެއެވެ. މީލާދީގެ ފަސްސަތޭކަ އަހަރުކުރީން “އާރިޔާ” (އާރިޔަނުން) ގެ ބަޔަކު ރާއްޖެއަށް އައިކަމަށް ވާހަކައިގައި ބުނެފައިވެއެވެ. މިދުވަސްވަރު ރާއްޖެއަށާއި ސުރީލަންކާއަށް އާރިޔަން ދަރިކޮޅުގެ ނަސްލުގެ ދަރިކަލަކާއި އޭނަގެ އަރިހުގައި ދަތުރުކުރި ބައެއް އައިކަމަށް ސުރީލަންކާގެ ގަދީމީ ލިޔުމެއްގައިވެސް ލިޔެވިފައިވެއެވެ.
ޢައްބާސް އިބްރާހިމް (1998) ގައި ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި މީގެ ގާތްގަނޑަކަށް އެއްހާސް އަހަރަށްވުރެ މާކުރިންވެސް މީހުން އާބާދުވެ އުޅެމުން އައިސްފައިވާކަން، ރާއްޖެއަށް ދަތުރުކޮށްފައިވާ ބޭރުގެ ބައެއް ސައްޔާޙުންގެ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

މިގޮތުން ލަންކާއިން (އޮޅުދޫކަރައިން) މިރާއްޖެއަށް މީހުން އައިސްފައިވުމަކީ، ޖޯގްރަފީގެ ގޮތުން މިތަން ކައިރީގައި އޮތުމުގެ ސަބަބުން ހިނގާފައިވާނެ ކަމެއްކަމުގައި ނަސީމާ މުޙައްމަދު (2002) ހާމަކުރައްވާފައި ވެއެވެ. މީގެއިތުރުން ބޭރުގެ ބައެއް ލިޔުންތެރިންވެސް މިކަމާއި މެދު ކޮންމެވެސް ވަރަކަށް ނަމަވެސް ވިސްނުންފުޅު ހިންގަވާފައި ވެއެވެ. އަދި ހަމައެހެންމެ ކްލެރެންސް މެލޮނީ (1980) ގައި “ޕީޕަލް އޮފް ދަ މޯލްޑިވް އައިލެންޑް” މިފޮތުގައި ރާއްޖޭގައި މީހުން ވަޒަންވެރިވިކަމަށް ތިން ގޮތެއް ހާމަކުރައްވާފައި ވެއެވެ. އެއީ ދަތުރު ކުރަމުންދަނިކޮށް ބަރިއަކަށް ހުރި ރަށްތަކެއް ފެނުމުން އެތާގައި މަޑުކުރި މީހުންނެވެ. ދެން ގުޖުރާތުގެ ނަވެއް ފަރަށްއެރުމުން، އެބައިމީހުން ރާއްޖެގެ އުތުރުގެ ރަށްތަކުގައި ވަޒަންވެރިވީއެވެ.  ދެން ވިޖެއާއި އޭނާގެ ބައިވެރިން އޮޅުދޫކަރައަށް ކުރި ދަތުރުގައި އޭގެތެރެއިން ނަވެއްގައި ތިބި މީހުން ވަޒަންވެރިވީއެވެ. (ނާޞިޙާ, 2012)
ކަން މިހެން ހުރިނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވެފައިވަނީ ކޮންބައެއްކަން ކަށްވަރުކަމާއެކު ހޯދިފައި ނެތްކަމެވެ. އެހެންނަމަވެސް ތާރީޙީ ނަޒަރިއްޔާތުތަކާއި ތަފާތު އެކި ބޭފުޅުން ދިވެހިރާއްޖޭގެ ތާރީޙާމެދު ކޮށްފައިވާ ދިރާސާތަކުން ދިވެހީންގެ ނަޞްލު ދެނެގަތުމަކީ އުނދަގޫ ކަމެއްނޫނެވެ.

ރެފަރެންސް

ޙާމިދު, ޝ. (2009). ދިވެހިބަހުގެ އަސްލާާއި މެދު. ފަންވަތް.

ނަސީމް, އ. (2011). ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ކޮންބައެއް؟. . މާލެ: ސަން.އެމްވީ.

ނާޞިޙާ, ޢ. (2012). ދިވެހިބަސް އުފެދިގެން އައގޮތާއި ދިވެހިބަސް ދިރުވާ އާލާކުރުމުގައި މުޛްތަމަޢުގެ ދައުރު. ޖަމާޢަތުގެ ޙަބަރު.

އަޙުމަދު, ފ. (2011). ދިވެހިރާއްޖޭގެ ޤަދީމީ ވަޒަންވެރިންގެ ތެރެއިން ޑްރެވީޑިއަނުންނާއި އާރިޔަނުން. ޖަމާއަތުގެ ޙަބަރު ނަންބަރު 393.

މުޙައްމަދު, ނ. (1998). ދިވެހިންގެ އަސްލު. ދިވެހިބަހާއި ތާރީޙަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު, ނ. (2004). ފަތްތޫރަ (306). . މާލެ: ދިވެހިބަހާއި، ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު, ނ. (2013). ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން (އެއްވަނަ ބައި). ހަވީރު.

މުޙައްމަދު, ނ. (2013). ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން (ދެވަނަ ބައި). ހަވީރު.